ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ތަންފީޒީ މަރުހަލާޔަށް

ސަރުކާރުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރު އޮތީ އަމަލީ ގޮތުން ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ (އިވެލުއޭޓްކުރުމުގެ) މަސައްކަތް ބައެއް އިދާރާތަކުގައި މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. އަދި ދެން އޮތީ އެ އިވެލުއޭޝަންތަކުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، މަޤާމުތަކުން މީހުން އުނިކުރުމުގެ ތަންފީޒީ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފަށާފައިވާ މި ހަރަކާތުގައި، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަނީ މަގާމުތަކުން މަދުކޮށްފައެވެ. މީގެ އިތުރުން، ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ދާއިމީގޮތެއްގައި ބަލާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.

ތަރުޖަމާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި އިވެލުއޭޝަންގެ މައިގަނޑު ބޭނުމަކީ އިދާރާތަކަށް ހަގީގަތުގައި ބޭނުންވާ މިންވަރަށް މުވައްޒަފުންގެ އަދަދުތައް ހަމަޖެއްސުމެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (SOEs) ހިންގުން ހަރުދަނާކުރުމަށްޓަކައި، ބައެއް ކުންފުނިތަކުން ތިންބައިކުޅަ އެއްބައި މުވައްޒަފުން މަދުކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވެސް ދާދިފަހުން ވަނީ ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ ފެންވަރު ވަޒަންކުރުމަށްފަހު، ވަކިކުރަންޖެހޭ ފަރާތްތައް ވަރަށް އަވަހަށް ވަކިކުރަމުންދާނެ ކަމަށް ވިދާޅުވެފައެވެ. މި ފިޔަވަޅުތަކާއެކު ވުޒާރާތަކާއި ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ބަނީން މާލިކް
ބަނީން މާލިކް