ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ ގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވެސް ވަނީ މި ފަހުމުނާމާގައި ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، އަންހެނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާއީ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ އަދި އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭނެ މުހިންމު މަރުކަޒުތަކެކެވެ. މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ ވާހަކަފުޅުގައި، މިއަދު ސޮއިކުރެވުނު ފަހުމުނާމާއިން ދައްކުވައިދެނީ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ޒަމާންވީ ގާތް ގުޅުން ކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހިންގޭ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރު ކުޅެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހި، ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތު ނިންމާލަމުން، ދިވެހިރާއްޖޭގެ ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީއަކީ ދިވެހި މުޖުތަމައުތަކަށް އިޖުތިމާއީ އަދި ސިއްހީ ގޮތުން ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ބަނީން މާލިކް
ބަނީން މާލިކް