ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ރަށްރަށުގެ ކުރިއެރުމަށާއި، އިޤްތިޞާދީ ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރާއްޖޭގެ އިޤްތިޞާދީ ބާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
ސަރުކާރުގެ ’މޯލްޑިވްސް 2.0‘ ތަޞައްވުރުގެ ދަށުން، ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ބާޒާރުތަކާ އެ ވިޔަފާރިތައް ގުޅުވައިދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން، ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާރކެޓަށް ވަނުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި، އަލީބާބާ އަދި ޕޭޕަލް ފަދަ ދުނިޔޭގެ މަޤްބޫލު ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގައި ސަރުކާރުން ޤާއިމްކުރާ ކަލްޗުރަލް ސެންޓަރުތަކާއި، ކްރިއޭޓަރ ހަބްތަކުގެ އިތުރުން ’އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ‘ ގެ ޚިދުމަތުން ބޮޑު ބަދަލެއް އަންނާނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު އިޤްތިޞާދީ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި މި ފަންތީގެ ވިޔަފާރިތަކުގެ މުހިންމުކަން ބޮޑުވުމުން، ސަރުކާރުންވަނީ ކުރިއަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ޚާއްޞަ އަހަރުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން މެދުކެނޑުމެއްނެތި ސަރުކާރުން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




