އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން %25 އިތުރުކޮށްފި

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކިންގ ނިޒާމަށް ދިމާވާ ޑޮލަރުގެ ތާށިކަން ކުޑަކުރުމަށްޓަކައި، ބޭންކުތަކަށް އާންމުކޮށް ވިއްކާ ޑޮލަރުގެ އަދަދު %25 އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ފިޔަވަޅަކީ ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް، ކޮންމެ ހަފުތާއަކުވެސް ކުރިއަށްދާނެ ބަދަލެކެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެކެވެ. ނަމަވެސް ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުގެ ސަބަބުން ބޭންކުތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއެވެ. މި ވަގުތީ ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ކަސްޓަމަރުންނަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމެވެ.

ފުރަތަމަ 5 މަސްދުވަހު ޑޮލަރު ވިއްކި މިންވަރު %72 މަތީގައި

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %72 އިތުރުވެފައެވެ. ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އުފުލިފައިވަނީ ތިރީގައިވާ ދާއިރާތަކުންނެވެ:

  • ބޭސްފަރުވާއާއި ތައުލީމް: ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ %78 އިތުރުވެފައެވެ.
  • ޒަރޫރީ މުދާ އެތެރެކުރުން: ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭއިން ވިއްކި ޑޮލަރުގެ އަދަދު ވަނީ %30 އިތުރުވެފައެވެ.

އެމްއެމްއޭއިން ބުނީ މި ބަދަލާއެކު އޮފް-ސީޒަނުގެ ތެރޭގައި ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުނުވެ ހިފެހެއްޓޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ބަނީން މާލިކް
ބަނީން މާލިކް