މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރުހުންދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޒަރީރު އެ މަޤާމަށް އައްޔަންކުރައްވާފައެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ މެންބަރުންނަށް ފުރިހަމަ ޤާނޫނީ ބާރުވެރިކަން ލިބެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން ކަމަށްވާތީ، ރައީސް ވަނީ މި މައްސަލަ މަޖިލީހަށް ފޮނުއްވާފައެވެ.
މަޖިލީހަށް ހުށަހެޅުނު މި މައްސަލަ ދިރާސާކުރުމަށްފަހު، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ ޒަރީރަށް ރުހުން ދިނުމަށެވެ. މީގެ އިތުރުން، ވުޒާރާތަކުގެ ނަންތަކަށާއި ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތައް ފާސްކުރުމަށްވެސް ކޮމިޓީން ވަނީ އެއްބަސްވެފައެވެ.
މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޒަރީރަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ފިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.
ކޮމިޓީން މިގޮތަށް ނިންމުމާ ގުޅިގެން، މި ދެ މައްސަލަ ދެން ހުށަހެޅޭނީ މަޖިލީހުގެ ތަޅުމަށެވެ. ވަޒީރަށް ރުހުން ދިނުމާ މެދު އާންމު މަޖިލީހުގައި ފައިނަލް ގޮތެއް ނިންމާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.




