40 މިލިއަންގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ’ދިނަފް-48‘ ތަޢާރަފްކޮށްފި

ދިވެހި އިންވެސްޓްމެންޓް ނަފާ ފަންޑު (ދިނަފް) ގެ ”ދިނަފް-36“ ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ”ދިނަފް-48“ މިއަދު ތަޢާރަފްކޮށް، ފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މި ފަންޑު ތަޢާރަފްކުރީ ދިނަފްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންވެސްޓް ކުރެވޭނެ މުއްދަތާއި ފައިދާގެ ނިސްބަތް:

އަލަށް ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެންމެ މަދުވެގެން 50،000 ރުފިޔާ އިންވެސްޓް ކުރެވޭއިރު، ފައިދާ ލިބޭނެ މުއްދަތުތަކަކީ:

  • 6 މަސް: އަހަރަކު 10.50%
  • 12 މަސް: އަހަރަކު 11.00%
  • 2 އަހަރު: އަހަރަކު 11.50%
  • 3 އަހަރު: އަހަރަކު 12.00%
  • 4 އަހަރު: އަހަރަކު 12.25%

ބައިވެރިވުމުގެ ޝަރުތުތަކާއި ހުށަހަޅާނެ ގޮތް:

ސީއެމްޑީއޭގެ އުސޫލުތަކަށް ފެތޭ މި ފަންޑުގައި ބައިވެރިވެވޭނީ އަހަރަކު މަދުވެގެން 1 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ އަމިއްލަ ފަރުދުންނަށާއި، އަހަރަކު މަދުވެގެން 5 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކުންފުނި ނުވަތަ އިންސްޓިޓިއުޝަންތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން info@dip.mv ނުވަތަ info@dhinaf.com މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާޙިދު ތައުފީޤު ވިދާޅުވީ، ކުރިން 20 މިލިއަން ރުފިޔާގެ ޓާގެޓަކާއެކު ހިންގި ”ދިނަފް-36“ އަށް ލިބުނު ކާމިޔާބީއާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ތަފާތު ގޮތްގޮތަށް ފަންޑުތައް ބައްޓަންކުރުމުގެ ވިސްނުން ހުރި ކަމަށެވެ.

ބަނީން މާލިކް
ބަނީން މާލިކް