މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ނަމަވެސް އޮޔާދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން ނުފެނިވާ ބާކީ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މާލެ ސަރަހައްދަށް ގަދަ ވަޔާ އެކު ވިއްސާރަކުރަމުން ދިޔަ ވަގުތެއްގައެވެ. ކޮންޓެއިނަރުތަކެއް އޮޔާދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 11 ޖެހި ފަހުންނެވެ. އެމްޕީއެލްއިން ބުނި ގޮތުގައި ކަނޑަށް ވެއްޓިފައިވަނީ މުޅިން ހުސްކޮށް ހުރި ކޮންޓެއިނަރުތަކެކެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް:
ބާޖުން ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުން ކަމަށް ވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފަރުވާތެރިކަމާ އެކު ދަތުރުކުރުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.




