ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މީސަލްސް އެންޑް ރުބެއްލާ ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ވޭތުވެދިޔަ ހަފުތާގައި މާލޭ ސަރަހައްދުން އިތުރު ދެ ކޭސް ފެނި، މިއަހަރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 22 އަށް އެރުމާ ގުޅިގެންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނާއި 18 އަހަރުން މަތީގެ މީހުންނެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިހާތަނަށް މި ބަލީގެ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް 173 ކޮންޓެކްޓެއް ދަނީ މޮނިޓާ ކުރަމުންނެވެ.
ވެކްސިން ދިނުމުގެ ތިން މަރުހަލާ
މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ބަހާލައިގެން، ތިން ފިޔަވައްސަކަށެވެ.
- ފުރަތަމަ ފިޔަވަހި (މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް): ވެކްސިން ދޭނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ.
- ދެވަނަ ފިޔަވަހި (ޖޫން 30 އިން ފެށިގެން): އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދޭން ތައްޔާރުވަމުންދެއެވެ.
- ތިންވަނަ ފިޔަވަހި: އުމުރުން 49 އަހަރުން ދަށުގެ، ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.
މާލޭ ސަރަހައްދުގައި ވެކްސިން ދޭ ގަޑިތަކާއި ތަންތަން
މާލެ ސަރަހައްދުން ވެކްސިން ޖަހައިދޭނީ ތިރީގައިވާ މަރުކަޒުތަކުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްހީ މަރުކަޒުން ވަކިން އިއުލާން ކުރާނެއެވެ.
| މަރުކަޒު | ވެކްސިން ދޭ ދުވަސްތައް | ވެކްސިން ދޭ ގަޑި |
|---|---|---|
| އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރު (ޔޫޕީއެޗްސީސީ) | ހޮނިހިރުން އާދިއްތައަށް | 08:30 އިން 12:00 އަށް |
| ހުޅުމާލެ ހޮސްޕިޓަލް | އާދިއްތަ، ހޯމަ، އަންގާރަ ބުދަ، ބުރާސްފަތި، ހޮނިހިރު | 09:00 އިން 11:00 އަށް 13:00 އިން 15:00 އަށް |
| ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް | އާދިއްތައިން ބުރާސްފައްޗަށް | 10:00 އިން 16:00 އަށް |
| ވިލިމާލެ ހޮސްޕިޓަލް | ކޮންމެ ދުވަހަކު | 13:30 އިން 15:30 އަށް |




