ބޯހިޔާވަހިކަން ދޭނީ އެއްވެސް ނުފޫޒެއް ނެތި، ހައްގުވެރިން މިއަހަރު އިއުލާނު ކުރާނެ: ރައީސް

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، މިއަހަރުގެ ތެރޭގައި އެ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ކޮން ފްލެޓެއްކަން އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.

ނުފޫޒުން އެއްކިބާވެފައިވާ ހައްގުވެރި ނިޒާމެއް

ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވަޢުދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ މި މަސައްކަތުގެ ތެރެއަށް އެއްވެސް ނުފޫޒެއް ވަނަނުދޭނެ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ މިސަރުކާރުންދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީވެ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިސަރުކާރުންދޭ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހާއަށް ހައްގުވީމަ އެމީހާގެ ހައްގު އަދާކުރުމުގެ ގޮތުން.“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ ފްލެޓްތައް ދޫކުރާނީ ހުށަހަޅާފައިވާ ތަފްސީލްތައް ރަނގަޅަށް ވެރިފައިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓް ހަމަވާ ތަރުތީބުން ކަމަށެވެ.

މަޝްރޫޢުތަކުގެ ތާވަލާއި ކުރިއެރުން

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ދެއްވި ތަފްސީލުތައް:

  • ފައުންޑޭޝަން މަސައްކަތް: ޖުލައި މަހުގެ ތެރޭގައި ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަން މަސައްކަތް ފެށޭނެއެވެ.
  • މަޝްރޫޢުތައް ނިމޭނެ ތާރީޚް: 2028 ވަނަ އަހަރުގެ މެއި، ޖޫން ނުވަތަ ޖުލައި ހިސާބުގައި މާލޭ ސަރަހައްދުގައި އަޅާ ހުރިހާ ފްލެޓެއް އެއްކޮށް ނިމޭނެއެވެ.
  • ރަސްމާލެ ހިއްކުން: ގޯތި ދިނުމަށް ހަމަޖެހިފައިވާ ރަސްމާލެ ހިއްކުމުގެ %60 މަސައްކަތް ވަނީ ނިމިފައެވެ. ތެލުގެ އަގު ބޮޑުވުމުން މަޑުޖެހުމެއް އައި ނަމަވެސް، 2 ޑްރެޖަރު ބޭނުންކޮށްގެން މިއަހަރުގެ ނިޔަލަށް ބިން ހިއްކުން އެއްކޮށް ނިންމުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބޯހިޔާވަހިކަމަށް އޮތް ބޮޑު ތަރުޙީބު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން ޖުމްލަ 58,505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

ބޯހިޔާވަހިކަމުގެ ބާވަތްހުށަހެޅި އެޕްލިކޭޝަންގެ އަދަދު
ފްލެޓަށް އެދި35,930
ގޯއްޗަށް އެދި22,575
ޖުމްލަ58,505

ބަނީން މާލިކް
ބަނީން މާލިކް