އާސާރީ ބިނާ ”އުސްގެކޮޅު“ އަށް ގެއްލުންދިން މައްސަލަ ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

މާލޭގައި ހުރި ތާރީޚީ ބިނާއެއް ކަމަށްވާ ”އުސްގެކޮޅު“ ގެ ފާރުތަކަށް ގްރެފިޓީ ކުރަހައި، އެތަނަށް ގެއްލުންދިން މައްސަލައެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅަށް ބަޔަކު ގެއްލުންދޭން އުޅޭކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި އަމަލު ހިންގި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާއިރު، ކުށްވެރިވާ ފަރާތްތަކާމެދު ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1893-1903) ގެ ރަސްކަމުގައި ބިނާކުރެއްވި، 100 އަށްވުރެ ގިނަ އަހަރުވެފައިވާ އަގުހުރި ބިނާއެކެވެ. އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ފުރިހަމައަށް ދައްކައިދޭ މި ތަނަކީ، މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރުވެސް ހުޅުވި ތަނެވެ. މިފަދަ އާސާރީ ތަންތަނަށް ދޭ ގެއްލުންތަކުގެ ސަބަބުން، އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބި، އޭގެ ސަގާފީ އަގު ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ފާޅުކޮށްފައެވެ.

މި ބިނާ ހިމެނޭ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއަކާ ގުޅިގެން، އުސްގެކޮޅު ބެލެހެއްޓުމާއި އޭގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ވުޒާރާއިން ހާމަކުރެއެވެ. ނަމަވެސް، ކައުންސިލުން އަދިވެސް އެތަން ހަވާލުކޮށްފައި ނުވާތީ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ބެލެހެއްޓުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ބަނީން މާލިކް
ބަނީން މާލިކް