ދިވެހި އިންވެސްޓްމެންޓް ނަފާ ފަންޑު (ދިނަފް) ގެ ”ދިނަފް-36“ ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ”ދިނަފް-48“ މިއަދު ތަޢާރަފްކޮށް، ފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މި ފަންޑު ތަޢާރަފްކުރީ ދިނަފްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންވެސްޓް ކުރެވޭނެ މުއްދަތާއި ފައިދާގެ ނިސްބަތް:
އަލަށް ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެންމެ މަދުވެގެން 50،000 ރުފިޔާ އިންވެސްޓް ކުރެވޭއިރު، ފައިދާ ލިބޭނެ މުއްދަތުތަކަކީ:
- 6 މަސް: އަހަރަކު 10.50%
- 12 މަސް: އަހަރަކު 11.00%
- 2 އަހަރު: އަހަރަކު 11.50%
- 3 އަހަރު: އަހަރަކު 12.00%
- 4 އަހަރު: އަހަރަކު 12.25%
ބައިވެރިވުމުގެ ޝަރުތުތަކާއި ހުށަހަޅާނެ ގޮތް:
ސީއެމްޑީއޭގެ އުސޫލުތަކަށް ފެތޭ މި ފަންޑުގައި ބައިވެރިވެވޭނީ އަހަރަކު މަދުވެގެން 1 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ އަމިއްލަ ފަރުދުންނަށާއި، އަހަރަކު މަދުވެގެން 5 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކުންފުނި ނުވަތަ އިންސްޓިޓިއުޝަންތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން info@dip.mv ނުވަތަ info@dhinaf.com މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާޙިދު ތައުފީޤު ވިދާޅުވީ، ކުރިން 20 މިލިއަން ރުފިޔާގެ ޓާގެޓަކާއެކު ހިންގި ”ދިނަފް-36“ އަށް ލިބުނު ކާމިޔާބީއާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ތަފާތު ގޮތްގޮތަށް ފަންޑުތައް ބައްޓަންކުރުމުގެ ވިސްނުން ހުރި ކަމަށެވެ.




