ޖަޕާނުން ހަދިޔާކުރި ޕަންޕުތައް 34 ރަށަކަށް ބަހާލައިގެން ހަވާލުކުރަނީ

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ”އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ ގެ ދަށުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރަށްރަށާ ހަވާލުކުރަން ފަށައިފިއެވެ. މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ރަށްރަށުގައި ފެންބޮޑުވުމުން ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާ މަޝްރޫޢު

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ލިބުނު 40 ޕަންޕު ޖުމްލަ 20 ރަށަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 18 ރަށަކަށް މިހާރު ވަނީ ޕަންޕުތައް ހަވާލުކޮށްފައެވެ. ކޮންމެ ރަށަކަށް 2 ޕަންޕާއި އެއަށް ބޭނުންވާ އިތުރު ސާމާނު ދޫކުރެއެވެ.

  • ފުރަތަމަ ބުރުން ޕަންޕު ހަވާލުކުރި ރަށްތައް: ގއ. ކަނޑުހުޅުދޫ، ހއ. އުލިގަން، ކ. ކާށިދޫ، މ. މުލަށް، ރ. އިނގުރައިދޫ، ރ. ފައިނު، އއ. ފެރިދޫ، ދ. ހުޅުދެލި، ފ. ބިލެއްދޫ، ފ. މަގޫދޫ، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ކ. ގާފަރު، ތ. ބުރުނީ، ތ. ކަނޑޫދޫ އަދި ޅ. ނައިފަރު.
  • ފުރަތަމަ ބުރުން ބާކީ ހުރި ރަށްތައް: ބ. ކުޑަރިކިލު އަދި ނ. މާފަރު (މި ދެ ރަށަށް ޕަންޕު ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ).

މި މަޝްރޫޢުގެ ދެވަނަ ބުރުގައި އިތުރު 14 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ބުރުގައި ޕަންޕު ލިބޭ ރަށްތައް:

ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުލިގަން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެއްދޫ އަދި ގދ. ހޯޑެއްދޫ.

ރަށްތައް ކަނޑައެޅި އުސޫލާއި ދާއިމީ ހައްލު

އެންޑީއެމްއޭއިން ވިދާޅުވި ގޮތުގައި ޕަންޕު ދޭނެ ރަށްތައް ކަނޑައެޅީ މީގެކުރިން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ރަށްތަކަށް ބަލައިގެންނެވެ.

މިފަދަ ކާރިސާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފެންބޮޑުވާ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމުކުރުމާއި ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ބަނީން މާލިކް
ބަނީން މާލިކް