މިފްކޯއަށް މަސްގަންނަން ދެމުންދިޔަ ސަބްސިޑީ އެއްކޮށް ހުއްޓާލައިފި، ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނަ ކުރަނީ!

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ފައްޓަވާފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، މިފްކޯއަށް މަސްގަތުމަށް ދައުލަތުން ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިޢުލާން ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އިނދަޖެހިފައިވާ ސިނާޢަތް ކޮޅަށް ޖެހުމަށް ސަރުކާރުން ގެންގުޅުއްވާ އާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ސިޔާސީ ބޭނުމަށްޓަކައި ވޯޓު ހޯދުމުގެ ނިޔަތުގައި ބޮޑެތި ސަބްސިޑީތައް ދެމުން އައި ނަމަވެސް، މިހާރު މަސްގަތުމަށް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ޚަރަދު ނުކުރާ ކަމަށެވެ. ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް މަތިކުރުމާ ގުޅިގެން، ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން ދައުލަތުން އަހަރަކު ބިލިޔަނުން ފައިސާ ސަބްސިޑީގެ ގޮތުގައި އުކާލަން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެހާ ބޮޑު ޚަރަދެއް ކުރިއިރު، ސިނާޢަތުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ނުކުރެވުނީ ކީއްވެގެންތޯވެސް ވަޒީރު ސުވާލު އުފެއްދެވިއެވެ.

”އަޅުގަނޑުމެން އެންމެން އެބަ ޤަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން. … އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް. ހަމަ ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން.“ — މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

މަހުގެ އަގު މަތިކުރެވޭނީ އޭގެ ވެލިއު-އެޑް ކޮށްގެން (އަގު އެއްކޮށްގެން) ބޭރުކޮށްގެން ކަމަށްވީ ނަމަވެސް، ވޭތުވެދިޔަ 40 އަހަރު ފެލިވަރު ފެކްޓްރީ ފިޔަވައި އިތުރު ކެޕޭސިޓީއެއް ޤާއިމުކުރަން މަސައްކަތް ކޮށްފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށާފައިވާ މަޝްރޫޢުތަކާއެކު، ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނައަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުޚާނާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ހަމައެކަނި ދައުލަތުގެ ކުންފުނިތަކަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ޕްރައިވެޓް ކުންފުނިތައްވެސް މި ސިނާޢަތުގައި ޝާމިލުކޮށްގެން ވަށައިޖެހޭ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށާއި، މިއަދު އެ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވަމުން ވަޒީރު ޝިޔާމް ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

ބަނީން މާލިކް
ބަނީން މާލިކް