އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު ޢައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޝަކީލް މި މަޤާމަށް އައްޔަންކުރައްވާފައިވަނީ، ކުރިން އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޝަކީލް އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވިއިރު، އޭނާ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި ހިނގާ ހަފުތާގެ އަންގާރަ ދުވަހުއެވެ.

މިއީ މުޙައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން، 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އީސީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލް ވަނީ ފުރުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެކި މަޤާމުތަކުގެ އިތުރުން، މިހާރުގެ ސަރުކާރުގައި ޝަކީލް ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ބަނީން މާލިކް
ބަނީން މާލިކް