ސައިތަށީގެ ހޫނުކަމާއި، ފޯނުގެ އަލިކަން

ހަވީރުގެ ފިނި ވައިރޯޅިއާއެކު މާލޭގެ ހޮޓާތަކާއި ކެފޭތައް ފުރިގެންދެއެވެ. ބޭރުފުށުން ބަލާއިރު އެއީ އިހުގެ އެކުވެރިކަމާއި ގުޅުންތައް އާލާކުރުމަށް އެއްވާ އެއްވުމެކެވެ. ނަމަވެސް، ކައިރިއަށް ޖެހިލައި ބަލައިފިނަމަ ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެއް މޭޒެއްގެ ދޮށުގައި ހަތަރު ފަސް އެކުވެރިން ތިބޭއިރު، ކޮންމެ މީހެއްގެ ލޯ އަމާޒުވެފައި ހުންނަނީ އަތުގައި އޮންނަ ކުޑަކުޑަ ސްކްރީނަށެވެ. ކުރިމަތީގައި ހުރި ކަޅު ސައިތަށި ހިހޫވެގެންދާއިރުވެސް، އެކަކު އަނެކަކާ ވާހަކަދައްކާލާނެ ވަގުތެއް ނެތެވެ.

މިއީ މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލަތެވެ.ތާރީޙައް ބަލާފިނަމަ ފެނިގެންދަނީ ދިވެހިންނަކީ ޒަމާނުއްސުރެ ”ޖޯލިފަތީގެ“ އަދަބުތަކާއެކު، އެކަކު އަނެކަކުގެ ހާލުއަހުވާލު އަހައި، ހިތާމައާއި އުފަލުގައި ބައިވެރިވި ބައެއްކަމެވެ. އަވަށްޓެރިޔާގެ ބަދިގޭގައި ކައްކާ އެއްޗެއްގެ ވަސް ދުވުމުންވެސް، އެ ގޭގެ ހާލަތު ދެނެގަތް ބައެއްކަމެވެ. އެހެނަސް، މިއަދު އެއް ފުރާޅެއްގެ ދަށުގައި، އެއް ސިޑިއަކުން އަރައިފައިބާ އަވަށްޓެރިންނަކީވެސް އެކަކު އަނެކަކަށް ބީރައްޓެހިންނެވެ.

ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުން ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހިނގާ ކަމެއް ސިކުންތެއްގެ ތެރޭގައި އަހަރެމެންނަށް އެނގެއެވެ. ދުރުގައި ތިބި މީހުންނާ ގުޅުން ބަދަހިވެއްޖެއެވެ. އެކަމަކު، އޭގެ ބަދަލުގައި އަހަރެމެންނަށް ގެއްލުނީ ކައިރީގައި ތިބި މީހުންނެވެ. މާލޭގެ ތޮއްޖެހިފައިވާ ކުދިކުދި ކޮޓަރިތަކުގެ ތެރޭގައި، ކޮންމެ މީހަކުވެސް ދިރިއުޅެމުންދަނީ އެމީހެއްގެ އަމިއްލަ ”ޑިޖިޓަލް ދުނިޔެއެއްގައެވެ“.

ކޮންމެ ކަމެއްގައިވެސް އަވަސްއަރުވާލާ ފޫކޮޅުގައި ރޯވެފައިވާ މި ޒަމާނުގައި، އަހަރެމެންނަށް ހަނދާން ނެތެމުންދަނީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޭނުންވަނީ ފޯނުގެ ނޮޓިފިކޭޝަންތަކެއް ނޫންކަމެވެ. އެއީ އެކަކު އަނެކަކަށް ދެވޭ ވަގުތާއި، ހިތުގެ އަޑިން އަހާލާ ”ކިހިނެއްތަ؟“ މި ދެ ލަފުޒުގެ އަގުކަމެވެ.

މާދަމާ ހަވީރު ކޮފީއަކަށް ނުވަތަ ސައިތަށްޓަކަށް އެކުވެރިއަކާއެކު ނުކުންނައިރު، އެންމެ ބައިގަޑިއިރަށް ނަމަވެސް ފޯނު ބަންޑުން ބާއްވާލަމާ ހިނގާށެވެ. ސައިތަށީގެ ހޫނުކަން ކެނޑުމުގެ ކުރިން، އެކުވެރިޔާގެ ވާހަކަތަކަށް ކަންފަތް ދެމާ ހިނގާށެވެ. ޙަޤީޤީ ދިރިއުޅުން އޮތީ ސްކްރީނުގެ ބޭރުގައެވެ.

ބަނީން މާލިކް
ބަނީން މާލިކް